އޭއައިގެ އެހީގައި ފުއްޕާމޭގެ ކެންސަރު ކުރީކޮޅު ދެނެގަތުމުގެ އާ އުންމީދެއް

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ މެދު ދުނިޔޭގެ އެކި ކޮޅުތަކުގައި ބަހުސްތަކާއި ތަފާތު ކަންބޮޑުވުންތައް ހުރި ނަމަވެސް، ބަލިމީހުންގެ ސްކޭންތައް ތަހުލީލުކުރުން އަވަސްކޮށް، ފުއްޕާމޭގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ކުރީކޮޅު ދެނެގަތުމުގައި މި ޓެކްނޮލޮޖީން އާދަޔާ ހިލާފު ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް އިނގިރޭސިވިލާތުގެ ސިއްހީ މާހިރުން ހާމަކޮށްފިއެވެ.
މި ޒަމާނީ ވަސީލަތުގެ އެހީގައި، އިންސާނީ ތަޖުރިބާކާރެއްގެ އާދައިގެ ނަޒަރަކުން ބަލާއިރު ފާހަގަނުވެ ދޫވެދާނެ ފަދަ ކުދިކުދި ބަދަލުތައް ދެނެގަނެ، އެކަންކަން ސިއްހީ މާހިރުންގެ ސަމާލުކަމަށް ވަގުތުން ގެނެސްދެއެވެ. މީގެ ސަބަބުން ބަލި ދެނެގަތުމަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަވެ، ފަރުވާގެ މަރުހަލާ މާ ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގެ ފުރުސަތު ތަނަވަސްވެގެންދާނެއެވެ.
ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ކޮންސަލްޓަންޓް ރޭޑިއޯގްރާފަރު ކޯނީލިއަސް މުޝާމްބީ ވިދާޅުވީ، އޭއައިގެ ސަބަބުން ޑޮކްޓަރުން ނިންމާ ނިންމުންތަކަށް އޮންނަ އިތުބާރު ބޮޑުވި ނަމަވެސް، މިއީ އިންސާނީ ތަޖުރިބާކާރުންގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. އިނގިރޭސިވިލާތުގެ ކެޓަރިންގް ޖެނެރަލް ހޮސްޕިޓަލް (ކޭޖީއެޗްއެފްޓީ) އިން މި ނިޒާމު ބޭނުންކުރާ ގޮތް ތަފްސީލުކޮށްދެމުން ބުނީ، އޭއައި ޓޫލް މެދުވެރިކޮށް ސްކޭންތައް ތަހުލީލު ކުރުމަށްފަހު، ރޭޑިއޮލޮޖީ ޓީމުން އެއަށް އިތުރު ފަރުވާތެރިކަމެއް ބޭނުންވޭތޯ ފައިނަލް ނިންމުން ނިންމާނެ ކަމަށެވެ.
މީގެ ސަބަބުން ފުއްޕާމޭގެ ކެންސަރު ހުރިކަމަށް ޝައްކުކުރެވޭ މީހުން މާ ކުރިން ދެނެގަނެވި، އެންމެ އަވަސް ފަރުވާ ބޭނުންވާ ބަލިމީހުންގެ ސްކޭންތަކަށް އިސްކަންދެވޭނެ (triage) މަގު ވަނީ ފަހިވެފައެވެ. މުޝާމްބީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އޭއައިގެ އެހީތެރިކަމާއެކު ބަލިމީހުންނަށް އެއް ދުވަހެއްގެ ތެރޭގައި އެކްސް-ރޭ އަދި ސީޓީ ސްކޭން ހަދައި، އެ ރިޕޯޓުތައް ހިފައިގެން ހޮސްޕިޓަލުން ދެވޭނެ އިންތިޒާމު މިހާރު ވަނީ ގާއިމުކުރެވިފައެވެ. މީގެ ކުރިން މިފަދަ މަރުހަލާތައް ފުރިހަމަކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓެކްނޮލޮޖީގެ ދާއިރާގެ އިސް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި، ކުރިއަށް އޮތް ތަނުގައި ނުރައްކާތެރި ބޮޑެތި ބަލިތަކަށް ޝިފާ ހޯދުމުގައި އޭއައި އަދާކުރާނީ އިންގިލާބީ ދައުރެކެވެ. އެގޮތުން، 'އެންތްރޮޕިކް' ގެ ސީއީއޯ ޑާރިއޯ އަމޯޑެއި ލަފާކުރައްވާ ގޮތުގައި ކުރިއަށް އޮތް 5 އަހަރާއި 15 އަހަރާ ދެމެދު، ކެންސަރު ފަދަ ނުރައްކާތެރި ގިނަ ބަލިތަކަށް އޭއައިގެ އެހީގައި ފަރުވާ ހޯދައި، އެ ބަލިތައް މައިތިރި ކުރެވޭނެއެވެ.
އަމޯޑެއި ވިދާޅުވީ، އޭއައި އަކީ ހަމައެކަނި މައުލޫމާތު ދިރާސާކުރާ އާލާތެއްގެ ބަދަލުގައި، ބައޮލޮޖިސްޓުން ކުރާ ހުރިހާ މަސައްކަތެއް ފުރިހަމަކޮށް، އެ މަސައްކަތްތައް ބާރުމިނުގައި ކުރިއަށް ގެންގޮސްދޭނެ ވަސީލަތެއް ކަމަށެވެ. އަދި އޭއައި މޮޑެލްތަކުގެ ސަބަބުން، އާދައިގެ ގޮތުގައި ކުރިއަށް އޮތް 50 އިން 100 އަހަރުގެ ތެރޭގައި ސައިންސަށް އަންނާނެ ކުރިއެރުންތައް، އެންމެ 5 ނުވަތަ 10 އަހަރު ދުވަހުގެ ތެރޭގައި ހާސިލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން 'ގޫގުލް ޑީޕްމައިންޑް' ގެ ސީއީއޯ ޑެމިސް ހަސާބިސް ވެސް ވަނީ އޭއައިގެ ސަބަބުން އިންސާނުންގެ ސިއްހަތަށާއި އުމުރަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ކަންކަން ރަނގަޅު މިސްރާބަކަށް ކުރިއަށް ގޮސްފިނަމަ 'އާޓިފިޝަލް ޖެނެރަލް އިންޓެލިޖެންސް' (އޭޖީއައި) މެދުވެރިކޮށް ދުނިޔޭގެ މައިގަނޑު ބޮޑެތި މައްސަލަތައް ހައްލުކޮށް، ނުރައްކާތެރި ބަލިތަކަށް ފަރުވާ ހޯދައި، އިންސާނުންގެ އުމުރު ދިގުކުރުމުގެ ފުރުސަތު އޮންނާނެއެވެ. އަދި 2030 ވަނަ އަހަރުން ފެށިގެން އިންސާނިއްޔަތަށް ސިއްހީ ގޮތުންނާއި އިލްމީ ގޮތުން ބޮޑެތި ތަރައްގީތަކެއް ފެންނަން ފަށާނެ ކަމަށް ވެސް އޭނާ ލަފާކުރެއްވިއެވެ.




