އިލެކްޓްރޮލައިޓްސް އަދި ވިޓަމިންސް ހިމެނޭ ބުއިންތައް ދެން އެތެރެ ކުރެވޭނީ ހުއްދަ ނަގައިގެން!

އިލެކްޓްރޮލައިޓްސް އަދި ވިޓަމިންސް ހިމެނޭ ބުއިންތައް އާންމު ބުއިމެއްގެ ގޮތުގައި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެމްއެފްޑީއޭއިން ނެރުނު އިއުލާނެއްގައި ވިދާޅުވީ، މިހާރަކަށް އައިސް، އިލެކްޓްރޮލައިޓްސް ވިޓަމިންސް އަދި މިނަރަލްސް ގިނަ މިންވަރަކަށް އެކުލެވޭ ބާވަތްތަކުގެ ބުއިންތައް ރާއްޖެ އެތެރެކޮށް އާންމު ފިހާރަތަކުގައި ފުޅާ ދާއިރާއެއްގައި ވިއްކަމުންދާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެފަދަ ބުއިންތައް އާންމު ފިހާރަތަކުން ލިބެން ހުރުމާއި، ލޭބަލްގައި އެއީ އެނާޖީ ބުއިމެއްކަން ނުވަތަ ހައިޑްރޭޝަން ބުއިމެއް ކަމުގައި ލޭބަލްކޮށްފައިވީ ނަމަވެސް، އެކުލެވޭ ބާވަތްތަކާއި އޭގެ މިންވަރު ނުބަލައި ކުޑަކުދިންނާއި ޒުވާނުން އަދި އުމުރުން ދުވަސްވީ މީހުން ވެސް މިބުއިންތައް ބޭނުން ކުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ.
"ނަމަވެސް ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއި އިރުޝާދެއް ނެތި މިފަދަ ބުއިންތައް ބޭނުން ކުރުމަކީ އޭގެ ސަބަބުން ނޭދެވޭ ސިއްހީ ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިލާން ޖެހިދާނެ ކަމެއް. ވީމާ މިފަދަ ބުއިންތައް އާންމު ބުއިމެއްގެ ގޮތުގައި އެތެރެކޮށް ވިއްކާ އަދި ބޭނުން ނުކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަން" އެމްއެފްޑީއޭއިން ވިދާޅުވިއެވެ.
އެމްއެފްޑީއޭއިން ވިދާޅުވީ، އެފަދަ ބުއިންތައް ދެން އެތެރެކޮށް ވިއްކޭނީ އެ އޮތޯރިޓީން ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް، ގައިޑްލައިން ފޯ ރަޖިސްޓްރޭޝަން އޮފް ނިއުޓްރާސޫޓިކަލްސްގެ ދަށުން ރަޖިސްޓްރީކޮށް ހުއްދަ ލިބިގެން ކަމަށެވެ. އަދި ރަޖިސްޓްރީ ނުކޮށް އިމްޕޯޓް ކުރާ އެފަދަ ބުއިންތައް ބޭހާއި ބެހޭ ގަވާއިދުގެ ދަށުން ހިފަހައްޓަމުންދާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް 7200321 އަށް ގުޅުމުން ލިިބޭނެ ކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ.




