ގެސްޓްހައުސްތަކާއި ސަފާރީތަކަށް ދޫކުރާ ފައިނޭންސިންއަށް ބީއެމްއެލްއިން ހެޔޮ ބަދަލުތަކެއް ގެނެސްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެސްޓްހައުސް އަދި ސަފާރީ (ލިވްއެބޯޑް) ފައިނޭންސިންގ ފެސިލިޓީތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލުން ވިދާޅުވި ގޮތުގައި މި ބަދަލުތަކަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ ދިވެހިންނަށާއި، ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމުގެ މަގުސަދުގައި ބޭންކުން ގެނައި ބަދަލުތަކެކެވެ.
ގެސްޓްހައުސް ފައިނޭންސިންއަށް ގެނައި ބަދަލުތަކާއެކު، މަޝްރޫޢުގެ ޖުމްލަ އަގުން އިންވެސްޓްކުރާ ފަރާތުން އަމިއްލައަށް ޚަރަދުކުރަން ޖެހޭ ފައިސާ (އިކުއިޓީ) ވަނީ %30 އިން %20 އަށް ދަށްކޮށްފައެވެ. އަދި ފައިނޭންސިން އަނބުރާ ދެއްކުމަށް ލިބޭ މުއްދަތު 15 އަހަރުން 20 އަހަރަށް ވަނީ އިތުރުކޮށްފައެވެ. މީގެ އަދި ދެ އަހަރުގެ ގްރޭސް ޕީރިއަޑެއްވެސް ލިބޭނެއެވެ. ދިވެހި ރުފިޔާއިން ފައިނޭންސް ނަގައި، ޑޮލަރުން އަނބުރާ ދައްކާ ފަރާތްތަކަށް އަހަރަކު %7 ގެ ރޭޓެއް ހަމަޖައްސާފައިވާއިރު، ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާ ފައިނޭންސްތަކަށް ކަނޑައަޅާފައިވަނީ %9 އެވެ.
ލިވްއެބޯޑް ފައިނޭންސިންގެ އިކުއިޓީ ވަނީ %30 އިން %25 އަށް ދަށްކޮށްފައެވެ. އަދި އަނބުރާ ދެއްކުމުގެ މުއްދަތު 7 އަހަރުން 12 އަހަރަށް އިތުރުކޮށް، ގްރޭސް ޕީރިއަޑް އެއް އަހަރުން ދެ އަހަރަށް ވަނީ އިތުރުކޮށްފައެވެ. މި ފެސިލިޓީގެ ދަށުން ރުފިޔާއިން ފައިނޭންސް ނަގައި ޑޮލަރުން އަނބުރާ ދައްކާނަމަ %8 ގެ ރޭޓެއް ކަނޑައަޅާފައިވާއިރު، ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާނަމަ %10 ގެ ރޭޓެއް ލިބޭނެއެވެ.
ފައިނޭންސް ހޯދުމުގައި ކަސްޓަމަރުންނަށް އެންމެ ބޮޑަށް ދިމާވާ އެއް ދައްޗަކީ އިކުއިޓީ ދެއްކުން ކަމަށްވާތީ، ބޭންކުން ވަނީ އިކުއިޓީ ބަލާ މިންގަނޑަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މަޝްރޫޢަށް މިހާރުވެސް ކަސްޓަމަރު އަމިއްލައަށް ކޮށްފައިވާ އިންވެސްޓަކީ އިކުއިޓީގެ ގޮތުގައި ބަލައިގަތުމަށް ބޭންކުން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހިމެނޭނީ ބޭންކުން ގަބޫލުކުރާ މިންވަރަށް އަގުކޮށް، ވެރިފިކޭޝަން ޕްރޮސެސްއެއް ނިންމާ އިންވެސްޓްމަންޓްތަކެވެ.
ބީއެމްއެލްގެ ސީއީއޯ، މުހައްމަދު ޝަރީފް ވިދާޅުވީ، ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ މައިނާރު. އަދި އަޅުގަނޑުމެން ބޭނުންވަނީ މި ދާއިރާގައި ދިވެހިންގެ ހިއްސާ އިތުރުކުރަން ކަމަށެވެ.
"އިކުއިޓީ ދަށްކޮށް، އަނބުރާ ދެއްކުމުގެ މުއްދަތު އިތުރުކޮށް، އަދި ކަސްޓަމަރުން މިހާރުވެސް ކޮށްފައިވާ މަސައްކަތްތައް ބަލައިގަތުމުން، މި ދާއިރާއަށް ވަނުމަށް ހުރި ބޮޑެތި ހުރަސްތައް ނެތިގެންދާނެ. މި ބަދަލުތަކުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ވިޔަފާރިތައް އުފައްދައި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށް، ގައުމީ ކުރިއެރުމުގައި މި ދާއިރާގެ ދައުރު ވަރުގަދަ ކުރުމަށް އެހީތެރިވެދޭނެ." ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލް އިން އަންނަނީ ރާއްޖޭގެ އެންމެ ބޮޑު ސިނާޢަތް ކަމަށްވާ ފަތުރުވެރިކަމަށް ޚާއްޞަ އިސްކަމެއް ދީގެން އިޤްތިސާދަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ހިނގާ އަހަރުގެ ތެރޭގައި ބޭންކުން ވަނީ ފަތުރުވެރިކަން ހިމެނޭހެން މުޅިން އަލަށް 15 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައެވެ. ރަށު ފެންވަރުގެ ގެސްޓްހައުސްތަކާއި ސަފާރީތަކުން ފެށިގެން ބޮޑެތި ރިސޯޓްތަކާ ހަމައަށް، ދިވެހިންނަށް ފަތުރުވެރިކަމުގެ ފައިދާ ހޯދައިދިނުމުގައި ދެމިއޮތުމަކީ ބީއެމްއެލްގެ އަމާޒެވެ.




