އާ އަހަރަށްފަހު އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށަނީ

އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި އެދެވޭ ނަތީޖާއަކަށް ނާދެވިއްޖެ ނަމަ، އާ އަހަރާ އެކު އީރާނާ ދެކޮޅަށް އަނެއްކާވެސް އަސްކަރީ ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.
ފޮކްސް ނިއުސްއަށް ދިން ޚާއްޞަ ބަސްދީގަތުމެއްގައި ޓްރަމްޕް ބުނީ، ދެ ގައުމުގެ ދެމެދުގައި އޮތް ޚިޔާލުތަފާތުންތައް ހައްލުކޮށް އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އީރާނާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުން ކުރަން އެމެރިކާ އޮތީ ތައްޔާރަށް ކަމަށެވެ. އަދި ޑިޕްލޮމެޓިކް މަސައްކަތްތަކުން ނަތީޖާއެއް ނުނެރެވިއްޖެ ހާލަތެއްގައި، ބާރުގެ ބޭނުން ކުރުމަކީ އެމެރިކާއިން އިސްކަންދޭނެ ގޮތް ކަމަށް ވެސް ޓުރަމްޕު ފާހަގަކުރިއެވެ.
އާ އަހަރުގެ ކުރިން ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމެއް ގާއިމު ނުކުރެވިއްޖެ ނަމަ، މެދުއިރުމަތީގެ މަސްރަހު އަނެއްކާވެސް ނުތަނަވަސްވެ، އަސްކަރީ ކުރިމަތިލުމަކަށް މަގުފަހިވެދާނެ ކަމުގެ ބިރު ބައިނަލްއަގުވާމީ މުޖުތަމައުގައި ވަނީ ބޮޑުވެފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ޓްރަމްޕްގެ މި ހަރުކަށި އިންޒާރުތަކަކީ އެމެރިކާއިން ބޭނުންވާ ގޮތަށް އެއްބަސްވުމަކަށް އައުމަށް އީރާނަށް ފިއްތުންތައް ކުރިމަތިކުރުވުމުގެ ގޮތުން ދިން އިންޒާރުތަކެކެވެ. ނަމަވެސް، މި އެއްބަސްވުމާ ގުޅޭ ތަފްސީލީ މައުލޫމާތެއް އަދި އަސްކަރީ ފިޔަވަޅު އެޅުމުން ދުރުހެލިވެވޭނެ ސީދާ ގޮތްތަކެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އަޅަން ފަށާނެ ސީދާ ތާރީޚެއް ޓްރަމްޕް ހާމަކޮށްފައި ނުވި ނަމަވެސް، މިއީ އީރާނުގެ ނިއުކްލިއާ މައްސަލައާއި ސަރަހައްދީ ނުފޫޒާ ގުޅޭގޮތުން އެމެރިކާއިން ގެންގުޅޭ ހަރުކަށި ސިޔާސަތު އިތުރަށް ވަރުގަދަ ކުރާނެ ކަމުގެ ނިޝާނެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.




