ދިވެހި ރާއްޖޭގެ ޖުމްހޫރި ދުވަހަށް ނަޒަރެއް!

ކޮންމެ އަހަރެއްގެ ވެސް ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ޤައުމީ މުހިންމު ދުވަހެކެވެ. މިއީ ރައްޔިތުންގެ ވެރިކަމެއް ދިވެހި ފަސްގަނޑުގައި ޤާއިމުވެގެން ދިޔަކަން ހަނދާންކޮށްދޭ ތާރީޚީ މުނާސަބަތެކެވެ. ޖުމްހޫރީ ދުވަހަކީ ރަސްކަމުގެ ނިޒާމެއްގެ ބަދަލުގައި، ރައްޔިތުން އިންތިޚާބުކުރާ ވެރިއަކު ޤައުމުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނަވައިގެން ވެރިކަން ހިންގާ ނިޒާމެއް ނުވަތަ "ޖުމްހޫރިއްޔަތެއް" އިޢުލާންކުރެވުނު ދުވަހެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ފުރަތަމަ ޖުމްހޫރިއްޔާއެއް އިޢުލާންކުރެވުނީ 1953 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު، މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ރައީސްކަމުގައެވެ. ނަމަވެސް އެ ޖުމްހޫރިއްޔާ މާގިނަ ދުވަހަކަށް ދެމިއެއް ނޯތެވެ.
މިއަދު އަޅުގަނޑުމެން މި ފާހަގަކުރާ ދެވަނަ ޖުމްހޫރިއްޔާ އިޢުލާންކުރެވުނީ، 1968 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ރާއްޖޭގެ ޖުމްހޫރީ ދުވަސް ރަސްމީކޮށް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެންބަރު 11 ގައެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރެވެ.
ޖުމްހޫރީ ދުވަހަކީ ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ވަރަށް ޚާއްޞަ، އަދި އެހާމެ އަގުހުރި ދުވަހެކެވެ. މި ދުވަހުގެ އެންމެ ބޮޑު މުހިންމުކަމަކީ ޤައުމުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައިކަން ދައްކުވައިދޭތީއެވެ. ރައްޔިތުންނަށް ލިބިދޭ ޑިމޮކްރެޓިކް ޙައްޤުތަކާއި، ޤައުމުގެ މުސްތަޤްބަލު ބައްޓަންކުރުމުގައި ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކޮށްދެނީ މި ޖުމްހޫރީ ނިޒާމުގެ ތެރެއިންނެވެ. މީގެ އިތުރުން އިސްލާމީ މަތިވެރި އުޞޫލުތަކުގެ މަތީގައި ޤައުމުގެ އިސްތިޤްލާލާއި މިނިވަންކަން ދެމެހެއްޓުމަށް މި ދުވަސް ބާރުއަޅައެވެ.
މި އަހަރުގެ ޖުމްހޫރީ ދުވަސް ވެސް ފާހަގަކުރެވެމުން ދަނީ ޤައުމުގެ އެއްބައިވަންތަކަމާއި ސުލްޙަ މަސަލަސްކަން ދެމެހެއްޓުމުގެ ޢަޒުމް އައުކުރަމުންނެވެ.




