އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ތަމްރީނު ޕްރޮގްރާމްތައް ފަށައިފި

ދިވެހި މުޖުތަމައުގައި އިހުތިރާމު އަދާކުރުމުގެ މަތިވެރި ސިފަ އަށަގަންނުވައި، ގައުމީ ފެންވަރުގައި މިކަން ކުރިއަށް ގެންދިއުމަށް ފަރުމާކޮށްފައިވާ "އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު" ގެ ތަމްރީނު ޕްރޮގްރާމްތައް، މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫއުގެ ދަށުން މުވައްޒަފުން ތަމްރީނުކުރުމުގެ ފުރަތަމަ ފިޔަވަހި މިހާރު ފަށާފައިވާއިރު، މި ޕްރޮގްރާމްގައި އެ ވުޒާރާގެ ދަށުން ހިނގަމުންދާ އެކި އިދާރާތަކުގެ މުވައްޒަފުން އަންނަނީ ބައިވެރިވަމުންނެވެ.
މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ، އަންނަ އަހަރުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ތެރެއިން، 2027 ވަނަ އަހަރާ ހަމައަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ 24 ސިފައަށެވެ. މި 24 ސިފަ ހަތަރު މައިގަނޑު ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، މި ސެޝަންތައް ނަންގަވައިދެއްވަނީ ދިވެހި ގައުމިއްޔަތުގެ އިސްވަރުގެ ހަތަރު އިސްވާރުންނެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ޕްރޮގްރާމްގެ ފެށުން އަމާޒުކޮށްފައިވަނީ އިސްލާމީ ރިވެތި އަދަބު އަހުލާގުގެ ތެރެއިން ފާހަގަކޮށްލެވޭ ހަތް ސިފައެއްގެ މައްޗަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ވަގުތަށް އިހުތިރާމުކުރުމާއި ހުރުމަތްތެރިކޮށް ހިތުން
- އެކަކު އަނެކަކާ ބައްދަލުވާ ހިނދު ހިނިތުންވުމާއެކު ކުރިމަތިލުން
- ސަލާމްކުރުން އާދައަކަށް ހެދުން
- މުއާމަލާތުކުރުމުގައި އޯގާތެރިކަން އިސްކުރުން
- މީސްމީހުންގެ އަބުރަށް އުނިކަން އަންނަ ފަދަ ވާހަކަތަކުން ދުރުހެލިވުން
- އަމާނާތްތެރިކަމާއެކު ސިއްރު ހިފެހެއްޓުން
- މާފުކުރުމާއި ހިތްހެޔޮކަމާއެކު މުއާމަލާތްކުރުން
މި މަޝްރޫއުގެ ދަށުން ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ތެރޭގައި ވެސް އިތުރު ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
"އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު" ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.




